Friday, December 30, 2011

އަޅުގަނޑުގެ ގަލަމުން ؟ 203

 
އުފަންވީ ބަޑިބުރާސްފަތީ ގެ އަށް މަސްކުރިންނެވެ. އުމުރުން ވީދުވަހެއް ވިއެވެ. ބޭބެމެން އޭ ބުނާކަހަލަ ދުވަސްތައް ލޮލުން ދުށުމުގެ ފުރުޞަތު ލިބުނެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ނަމަވެސް ތާރީޚުގެ ލިޔުންތައް ހޯދާބެލިފައި ހުރިވަރުން ދިވެހިންގެ ވާހަކަ ، ދިވެހިން އުޅުނު ގޮތް ، ދިވެހިންގެ ތަހުޒީބުގެ ވާހަކަތަކުގެ ވާނުވާ އިނގޭ ވަރުވާނެ ތޯއްޗެކެވެ. ނަމަވެސް ނޫސްވެރިއަކަށް ނުވަތަ ދިރާސާ ކުރާ މިހަކަށް ވާވާވަރު ވާނެއެކޭ ދަންނަވަން އަޅުގަނޑަށް ނުކެރޭނެއެވެެ. ނަމަވެސް ދެހާސް ތިރީހުގެ އަހަރު ތަކުގެ ތެރެއިން އަޅުގަނޑު ވެސް ދެކެން ބޭނުން ވާ ކަންތައްތަކެއް އެބަހުއްޓެވެ. ނުވަތަ ދެކެން ބޭނުން ވާ ހުވަފެން ތަކެއް އެބަހުއްޓެވެ. މާރޓިން ލޫދަރ ކިންގް ވެސް ހުވަފެން ތަކެއް ނުވަތަ އުންމީދު ތަކެއް ކުރިތާއެވެ. ހުވަފެންތަށް ތެދަކަށްވެސް ވިތާއެވެ.
އުންމީދުތައް ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގައި ނެތުމަކީ ތަޤުދީރު ދެއްތޯއެވެ ؟ އެއީ ދުނިޔޭގެ އެންމެން ދަންނަ ބޭފުޅެކެވެ. ދަންނަ ހުވަފެންތަކެކެވެ. އަޅުގަނޑުމެންގެ ރާއްޖެއިން ވެސް ތަފާތު މީހުން ، ތަފާތު ޝަހުސިއްޔަތުން ް އުންމީދުތައްކޮށްފައި ހުންނާނެ ތާއެވެ. އަލްމަރުޙޫމް ނައިފަރު ދޮހޮއްކޮބެ އެއީ އެކަކެވެ. “ ނާސިރުގެ ވެރިކަން ވެސްދުށީމެވެ. ދެން އެންމެ ބޭނުންވާނީ މިނޫން ވެރިކަމެށް ދުށުމެވެ." ދޮހޮއްކޮބެ އެންމެ ދެކެން ބޭނުން ވާ ދުވަހެއް ހާމަ ކުރަމުން އޭރުގެ ވެރިކަމާ ދިމާލަށް ނިސްބަތްކޮށް ބުނިވާހަކަ އަޑު އެހީމެވެ. ހުވަފެން ތެދަކަށްވެއްޖެތާއެވެ. ކުރިން ބުނިހެން އުންމީދުތައް ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގާ ނެތުމަކީ ތަޤުދީރު ތާއެވެ. މިދެންނެވީ އަޅުގަނޑު ދެކޭ ގޮތުންނަމަ ބިނާކުރަނިވި ހުވަފެންތަކެއް ބެލި ބޭފުޅުންކޮޅެއްގެ ވާހަކައެވެ. އެހެން ކަމުން އަޅުގަޑަށްވެސް އުންމީދު ތަކެއް ކުރެވިދާނެތާއެވެ. ނުވަތަ ހުވަފެންތަކެއް ބެލިދާނެތާ އެވެ. މިދަންނަވާނީ އެއްގޮތަކަށްވެސް އަޅުގަނޑަކީ އެބޭފުޅުންނާ އެއްވަރުގެ މީހެކޭ ނޫނެވެ. މި ހަމަ އާދައިގެ ދިރިއުޅުމެށް އުޅޭ އާދައިގެ މީހެކެވެ. ނަމަވެސް މިވާހަކަތައް ބޭރު ކުރުމަށް ޝައުޤުވެރުވީތީ ބޭރުކުރެވޭތޯ ބަލާނަމެވެ. ފަހަރުގައި އެންމެ ޢިލްމީ ނުވެދާނެއެވެ. ބަހުގެ ހަމަތައް އެެންމެ ފުރިހަމަ ނުވަދާނެއެވެ.އެހެން ކަމުން މިކަންތައްތަކާއި މެދު ވިސްނާ ބޭފުޅުންގެ ފަރާތުން މަޢާފަށް އެދެމުން އަޅުގަނޑުގެ ލިޔުން ކުރިއަށް ގެންދާނަމެވެ.


އަށް އަހަރު ކުރިއެވެ. ގްރޭޑް ހަތެއް ނިންމުމަށްފަހު މާލޭގެ ސަރުކާރު ސްކޫލަކުން އަޅުގަނޑަށް ފުރުޞަތު ލިބޭތޯ ބައްޕަ މަސައްކަތް ކުރިއެވެ. އެހެން އުޅެނިކޮން މަޖިދިއްޔާ ސްކޫލައަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލިއެވެ. ނަމަވެސް ވަދެވެން އަންނަނީ އެސްކޫލުން ދޭ އިމްތިޙާނުތަކަކުން ފާސްވާ ކުދިންތަކެއްްގެ ތެރެއިން ހޮވާލެވޭ ފަންސާސް ކުދިންނަށެވެ. އެހެންކަމުން ޓެސްޓް ހެދުމަށްޓަކައި އަޅުގަނޑު މާލެ އައީމެވެ. އެއްދުވެހެއްގެ މެންދުރެވެ.
ގޭގައި ހުރެގެން ފޫހިވާތީވެ ދޮރުމަށްޗަށް ނިކުމެލީމެވެ. ކަންމަށްޗެއްގައި ތަންކޮޅެއްގައި އިށީންދެގެން އިންދާ އަޅުގަނޑުވަރުގެ ކުއްޖަކާ ދިމާވިއެވެ. ތަފާތު ވަހަކަ ދައްކަމުން ގޮސް ކޮން ގްރޭޑްއެއްގައިތޯ އުޅެނީ އަހާލިއެވެ. އަޅުގަނޑު ހަތެއްގައޭ ބުނީމެވެ. އެހެން ބުނުމާއެކު އޭނަ އަޅުގަނޑާ ސުވާލެއް ކޮށްލިއެވެ. "ފައިވް ޓައިމްސް ފައިވް" އާއި ކިހާވަރެއްތޯ އާހާލިއެވެ. ވިސްނަން އިނދެފައި ނޭންގެއޭ ބުނީމެވެ. އޭނަ ހީލާފާއި އެނގޭނެއޭ ބުންޏެވެ. ގްރޭޑް އެކެއް ނުވަތަ ދޭއްގައި ކިޔަވައިދީފައޭ ހުންނާނީ ބުންޏެވެ. ތެދެކެވެ. އޭރު އަޅުގަނޑު ގްރޭޑް ދޭއް ނިންމިތާ ހަތް އަހަރުވަރު ވެދާނެއެވެ. މިހާރަށް ބާލަންޏާ އެއީ މީގެ ފަނަރަވަރަކަށް އަހަރު ކުރިއެވެ. ޖަވާބުގައި ނުކިޔަވަދެޔޭ ބުނީމެވެ. އެހެންކަމުން އޭނަ ޓުވެންޓީ ފައިވް އޭ ބުންޏެވެ. ބުނުމާއެކު ތީތި އެނގެޔޭ ބުނީމެވެ. އާއެކެވެ. ފަހެއް ގުނަ ފަހެއް ކިހާވަރެއް ހޭ ބުނިނަމަ އިގުނީހެވެ. ފައިވް އިންޓު ފައިވް އޭ ބުނިނަމަވެސް އިގުނީސް ކަންނޭގެއެވެ..ނުވަތަ ފަސް ފަންސާސުން ފަހެއް އޭއީ ކިހާވަރެއް ހޭ އެހިނަމަ ފަންސަވީސް އޭ ބުނީމުހެވެ. ބުނި އިނގިރޭސި ލަފްޒެއްގެ ގޮތުން ނޭންގުނީތާއެވެ.
ކޮންމެއަކަސް އިރާދަކުރެއްވީތީ އެ ފަންސާސް ކުދިންގެ ތެރޭގައި ހިމެނިގެން ސުކޫލަށް ވަނުމުގެ ފުރުޞަތު ލިބުނެވެ. އެހާހިސާބުން ތަފާތު ފާހަގަ ކުރެވެން ފެށުނެވެ. ދަންނަވަން މިއުޅެނީ ރާއްޖޭގެ ތަފާތު ކަންކޮޅު ތަކުގައި ތަފާތު ކުރުން ތަކެއް ހުރިވާހަކައެވެ. ހަމަ ހަމަ ފުރުޞަތުތަކެއް ނުލިބޭ ވާހަކައެވެ. ތަފާތު ދަތިތަކެއް ހުރީމަ ކަމައްވެސް ވެދާނެއެވެ. ނަމަވެސް ތަޢުލީމީ ފުރުޞަތުތަކަކީ ނުވަތަ އަޅުގަނޑުމެން މިހާރު މިކިޔާ ވަށާޖެހި ތަޢުލީމަކީ އަޅުގަނޑުމެންގެ ރަށްފުށުގެ ދައްތަ ނުވަތަ ބޭބޭ އަދި ކޮއްކޮމެނައް ހަމަ ހަމަ އަށް ލިބެންޖެހޭ ފުރުޞަތު ތަކެކެވެ. އެހެންކަމުން ދެހާސް ތިރީހުގެ އަހުރުތަކުގައި ރާއްޖޭގެ ކަން ކޮޅުތަކުގައި ހަމަ ހަމަ ފުރުޞަތު ޤާއިމު ކުރެވިފައި ހުރިތަން ދެކުމަކީ ކޮންމެ މައެއް ނުނަތަ ބަފައެއްހެން އަޅުގަނޑުވެސް ވަރަށް ދެކެން ބޭނުންވާ ކަމެކެވެ. ޒަމާނާ އެށް ގޮތަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެށް ގައިވެސް ތަޢުލީމީ ނިޒާމް ބައްޓަން ދަނީ އަބަދުވެސް ކުރެވެމުންނެވެ. އަޅުގަނޑުމެންގެ ކުޑަ ކުޑަ ރާއްޖޭގައިވެސް ފެށިފައި ހުރިމަކީ ހަމަ ޔަޤީނުންވެސް އަޅުގަނޑު އުފާ ކުރާކަމެކެވެ. ނަމަވެސް އަދިވެސް ޒަމާނުންސުރެ ނުވަތަ އަޅުގަނޑުމެން ޅަދައުރުހެން ހިތުދަސް ކުރުމުގެ އާދަައަކީ ބަދަލުނުވެ، ބަދަލް ކުރަންޖެހިފަ ހުރި އާދައެކެވެ. ނުވަތަ އަދިވެސް ކުރިއަށް ދާ ސަޤާފަތެކެވެ. ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ " ބައި ދަ ބުކް " ދިއުމުގު އުސޫލް ދޫކުރަން ޖެހިފައި އޮތް އޮތުމަކީ އަޅުގަޑުމެންގެ ތަޢުލީމީ މުޤައްރަރަށް ނުވަތަ ތަޢުލީމީ ދާއިރާއަަށް ގެންނަންޖެހޭ ޒަމާނީ ބަދަލެއް ކަން އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. އެހެންކަމުން އަޅުގަނޑު މެންގެ ކިޔަވާ ކުދިންނަށް އެކިދިން ދިރުއުޅުމަށް ބޭނުންވާ ހުނަރާއި ، ތަޖުރިބާ އަދި މައުލޫމާތު ތަށް ލިބޭނެހެން އެކުދިން ދިރުއުޅުމުގެ މައިދާނަށް ތައްޔާރުކޮށް، ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ކަންތައްތަކުން ހައްލު ހޯދަން އެގޭނެހެން ތޢުލީމީ ނިޒާމް ބައްޓަންވެފައި އޮންނަ ދުވަހެއް ދެހާސް ތިރީހުގެ އަހަރުތަކުގެ ތެރެއިން ދުށުމަކީ ތިޔަބޭފުޅުންނެކޭ އެއްގޮތަށް އަޅުގަނޑު ދެކެން ބޭނުން ވާދުވަހެކެވެ.
ޔުނިވާރސިޓިީ ތަޢުލީމަކީ އަޅުގނޑުމެން މިބުނާ ޒަމާނީ ތައުލީމެވެ. ނުވަތަ ޤައުމެއްގެ ތަރަށްޤީއެވެ. ނޫންނަމަ ވަޠަނެއްގެ ކުރިއެރުމެވެ. އަޅުގަނޑުމެންގެ ޤައުމުގައި ޔުނިވާރސިޓީ އެއްގޮތަކުންނަމަ ފެށުނީއެވެ. އެހެންކަމުން ކުރިއޮތް ތަނުގައި ޤައުމަށް ބޭނުންވާނީ ކޮންކަލަ ކުރިއެރުންތަކެއްތޯ ބަލައި ރިސާރޗްތަކެއް ކުރުމަކީ ޤައުމަށް މިހާރުން މިހާރަށް އެންމެބޭނުން ވެފައިވާ ކަންތަކެވެ. ކުރިއަރާފައިވާ އެހެން ޤައުމުތަކެކޭ އެއްފަދައިންނެވެ. އަދި ޔުނިވާރސިޓީ ތަކުން ކުދިންނުކުމެ މިހާރު ޤައުމުގައި ހުރި ޓެކްނިކަލް ވަޒީފާތަކަށް ނިކުމެ، ޤައުމަށް ބޭނުންވާ ކަންތައްތައް ތަަރައްޤީ ކުރާނެ ދުވަހެއް ދެހާސް ތިރީހުގެ އަހަރުތަކުގެ ތެރެއިން ފެންނާނެ ދުވަހެއް ދެކެން އުންމީދު ކުރަމެވެ...(ނުނިމޭ )

4 comments:

amira said...

You have a very capitivating style of writing. Leep it up.
I look forward to read more :)

Anonymous said...

meethi salhi ey..

Anonymous said...

where's the other part of dis.... it's interesting..

Anonymous said...

Varah ves furihama !! Keep it up !! :)