Monday, July 16, 2012

މިގަލަމުން ތި ހަދާން ...

 
މިގަލަމުން ނޫންނަމަ މިދުލުން މާމަގެ ވާހާކަ ދައްކަން އޫޅޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. ގަލަމުގައި ދެލި ހުއްޓަސް، އަތުގައި ނުވަތަ ސިކުނޑީގައި އެ ހިއްވަރު ނެތިޔާމުން ކުރާނީ ކީއްތޯއެވެ. މާމާއެވެ. ހަމަ ޔަޤީނުންވެސް ތިޔަ ދިޔައީ އަޅުގަނޑުމެން ރޮއްވާފައެވެ. މާމަ ނެތުމުގެ އިހުސާސް އަޅުގަނޑުމެން ކުރަމުއެވެ. އަދި އަބަދުވެސް ކުރާނަމެވެ. ތިޔަހަދާނުގައި މި ލޯތަކުން ކަރުނައިގެ އަސަރު ތާ އަބަދުހުއްޓަކަސް، އަޅުގަނޑުމެން މާމައަށްޓަކައި އުފާކުރަމެވެ. ތިޔަ ދިޔައީ މާމައެއްގެ ވާޖިބު ވަރަށް ފުރިހަމަ ގޮތުގައި އަދާކޮށްފައެވެ. މިހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނީ ހަނދާންހުންނަން ފެށީންސުރެއް މާމައަކީ ދިނީ ކަންކަމަށް ލޯބި ކުރާ އަޅުކަމުގައި ވެސް އުޅުއްވި މާމަ އެކެވެ. ރައްޓެހިންނަށް ކާމޭހިތި މާމައެކެވެ. އަދި ރިވެތި އަޙްލާޤަށް ލޯބި ކުރި، އޫސޫލްތަކެއް ގެންގުޅުއްވައި އެ އުސޫލްތަކުގައި ހިފެހެއްޓެވި، ތިއައީ އަޅުގަނޑުމެންގެ މާމައޭ ބުނަަަނަން ފަޚްރުވެރިވާ މާމައެކެވެ. އެހެންކަމުން ކުރާނެ ޝަކުވާއެއް ނޫނީ ހާކާނެ ބޮޑަލެއް މިއަދަކު ނެތެވެ.


ތިހަދާނުގައި ދަންނަވަންހުރި އެއްޗިސް ނޫންނަމަ ހިތުގަހުރި ޝުއޫރުތަށް ނުހަނު ގިނަގުނައެވެ. އެހެން ކަމުން ގަލަމަކުން ގަނޑަކަށް އަޅަން ހަޤީގަތުގައިވެސް އުނދަގުލެވެ. ނަމަވެސް ރާމަޟާން މަސް ކައިރިވެގެން އަންނަވަރަކަށް ހަދާންވާލެއް ބޮޑެވެ. މިހެން މިދެންނެވީ އުމުރުން ތޭރަ އަހަރުން ފެށިގެން ކިޔަވަން ރަށުން ބޭރުގައި އުޅެން ހަދައިގެން މާމާއާއި ގިނަފަހަރަށް ދިމާވަނީ ރަމަޟާން މަހުއެވެ. ހާއްސަކޮށް ރޯދަވީއްލާ ގަޑީގައި ކާން ތިބެފައި ރޭޑިޔޯއިން އަންނަ މަދަހަ އަޑު އަހަން އިންނާތީ ބައްޕަ މާމަ އާއި ދިމާލައް އެއްޗެއް ބުނާ އިރަށް " ދަރިފުޅާ " އޭ ބުނާއަޑު އަބަދުވެސް ހާދާން ހުރެއެވެ. މިއަދު ތެދު ބުނާނަމެވެ. އެހެން ކަމުން " ދަރިފުޅާ" އޭ ބުނާގޮތް ހަޤީގަތުގައި ވެސް މަޖެލެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ. ބައްޕަ ރުޅިގަދަ ވެދާނެތީ ހީލަން ނުކެރެނީ އެވެ. އަދި އަބްދުﷲ ޙަސަންގެ މަދަހައެއް އަޑުއިވޭ ކޮންމެ ފަހަރަކު ތިހަދާން އިތުރަށް އާލާވެގެން ދެއެވެ.

އަޅުގަނޑަށް އަޅުގަނޑުގެ މާމައަކީ ހަމަ އެކަނި މާމައެއް ނޫނެވެ. އަޅުގަނޑާއި އެހެން މާމަދަރިންގެ އެދުރުދައިތަ ވެސްމެއެވެ. އާއެކެވެ. ކުޑައިރު ޤުރުއާން ކިޔަވައިދީ ހަދައެވެ. އެހެންކަމުންް މާމަގެ ފަރާތުން ދަސްވި އަދި ލިބުން އެއްޗިސްވެސް ގިނަގުނައެވެ. މިހެން މިދެންނެވީ އަޅުގަނޑަކީ ކުޑައިރު ފޫދޭވަރަކަށް ސިޔާސަ ވެސް ކުއްޖެކެވެ. އެހެންކަމުން ޙަތިމް ދޮށުގައި ބައިންދަންވެގެން އަޅުގަނޑުގެ މަންމައަށް ނޭންގި އެއްޗިސްވެސް ދީހަދައެވެ.

މާމާއެވެ. މާމަތީ އަޅުގަނޑުގެ ކުޑައިރުގެ "ލައިފް ސޭވާރ" އެކެވެ. މިހެން ބުނަނަން ލަސްވެސް ވެއްޖެއެވެ. ނަމަވެސް ޤުރުއާން ކިޔަވަން އުޅޭ އިރުގައި ނުކިޔަވަން ބަހަނާ ދައްކަންވެގެން ލޯ ކަހާ އުސޫލުން ދައްކާނެ ބަހާނާ މިފަހަރުވެސް އެބަހުއްޓެވެ. ދެރައީ އަޑު ނިވޭނެތީ އެވެ. އެހެންނަމަވެސް މިހިތަށް ހަމަ ޖެހުމެއް ލީބޭނީ މިބަހަނާ ދައްކާފައެވެ. ފަހަރުގައި މި މާމަ ދަރިފުޅު މާމައަށް ދައްކާނެ އެންމެ ފަހުބަހަނާއަށްވެސް ވެދާނެއެވެ. އާއެކެވެ. މާމަތީ އަޅުގަނޑުގެ ކުޑައިރުގެ " ލައިފް ސޭވާރ " އެކެވެ. ކުޑައިރު ގެތޭރޭގައި ކިޔަވާ ފޮތްތަށް އުކާލާފައި ހުންނާތީ އާއި މަންމަ ގޭތޭރޭގައި ހައްދާފައި ހުންނަ ގަސްތައް ބޯޅައިން ޖަހާ ހަލާކުރާތީ މަންމަ ކުދިކިޔުމުން ވަރަށް ގިނަފަހަރަށް މާމަ އާއި ހެދި ސަލާމަތްވެފައި ހުންނާނެއެވެ. އެހެންކަމުން ދެންވޭނީ މާމަތީ އަޅުގަނޑުގެ ކުޑައިރުގެ "ލައިފް ސޭވާރ" އެކެވެ. މިވާހަކަ ބުނަން މާބޮޑަށް ލަސްވެސްވެއްޖެކަން އިނގެއެވެ. ނަމަވެސް ކުރިން ދެންނެވިހެން އުޒުރު އެބަހުއްޓެވެ. އޭރު " ލައިފް ސޭވާރ " އަކީ ކޮންއެއްޗެއްކަން ނޭންގެއެވެ. ހަމައެއާއެކު މާމަގެ މި ދަރިފުޅު އޭރުގައި ވަރަށް ކުޑައެއް ނޫންތޯއެވެ.



ހަތް އަހަރުގައި ހަތިމު ކުރުމުން އެދިން ސަތޭކަ ރުފިޔާގެމަތިން އަބަދުވެސް ހަދާން ހުރެއެވެ. ހުންނާނުން ތޯއެވެ. ފުރަތަމަ ލިބުނު ބޮޑު ލާރިއެެވެ. ސަތޭކަރުފިޔާއަކީ ކިހިނެއް ހުނަން އެއްޗެއްކަންވެސް އެނގުނީ އޭރު ވިއްޔާއެވެ. މާމާއެވެ. ދަންނަވަންތޯއެވެ. އެ ސަތޭކަރުފިޔާއަށް ވުރެން މުހިންމު، އަގުހުރި، ހާއްސަ ސަތޭކަރުފިޔާއެއް ދެން އަޅުގަނޑަކަށް ނުލިބޭނެއެވެ. ނޫންނަމަ ޤައުމުގެ ގަވަރނަރަށް ޗާޕެއް ދެން ކުރެވޭނެހެނެއް ހިޔެއްނުވެއެވެ.

މާމައިން ބައެއްފަހަރު މާމަ ދަރިންނަށް އެކުދިންގެ ރަނގަޅަކަށް މަކަރުހަދައެވެ. އެހެންނަމަވެސް އަޅުގަނޑުގެ މާމާ އަޅުގަނޑަށް މަކަރު ހެދީ އެއްފަހަރަކު ނޫނެވެ. މާލެގައި ހުރެފައި ޗުއްޓީއަށްދާ ކޮންމެ ފަހަރަކު އެހަދާ މަކަރު ތަކުރާރުކޮށް ހެދިއެވެ. ނަމަވެސް އެކަން މިސިކުނޑިއަށް އެނގޭ ވަރުވީ ވަރަށް ބޮޑުވި ފަހުންނެވެ. އަބަދުވެސް ޗުއްޓީ ހަމަވުމަށްފަހު ފުރަން ވަގުތު ކައިރިވުމުން އަޅުގަނޑު ގެންދެއެވެ. ހަދިޔާއެއްގެ ގޮތުން ލާރިދޭން މަސައްކަތް ކުރެއެވެ. ނުހިފައިގެން ރޯންވެސް އުޅެއެވެ. އެހެންކަމުން އަޅުގަނޑު ހިފަމެވެ.ހަމަ ހިފުމާއެކު ބައްޕަ ކައިރީ ނުބުނަން ކޮންމެ ފަހަރަކުވެސް ޝަރުތު ކުރެއެވެ.ވުމާއެކު އެބުނާގޮތަށް މާލެ ދަންދެން އަޅުގަނޑު އަމަލު ކުރަމެވެ. ނަމަވެސް ކޮންމެ ފަހަރަކު ދޯނި ފަޅުން ނުކުތުމާާއެކުހެން އެވާހަކަ ބައްޕަ ކައިރީގައި ބުނެވެ. ނަމަވެސް މާމާއެވެ. ކުރިން ދެންނެވިހެން އަޅުގަނޑު މާމައާއި ދޭތެރޭ ކުރާނެ ޝަކުވާއެއް ނެތެވެ.

އަބަދުވެސް ކިއަވަން ހުރެފައި ޗުއްޓީއަށް ރަށަށް ދަނީ މާމަށް ނޭގިއެވެ.ކުއްލިއަކަށް އުފާ ކޮށްލުމުގެ ބޭނުމުގައެވެ.އަދި ގޮސް ފެނިލަން ދާ އިރުވެސް މާމަ ހަމަ ޖެހިފަ އިންނާނެ ގަޑި އަކަށް ބަލަމުއެވެ.ނޫންނަމަ ގަސްތަށް ދޮށުގައި ފިނިކޮށް ލަން އިންނާނެ ވަގުތަކަށް ދިމާކުރަމުއެވެ.ނުބުނެ ދިޔައަސް ގޮސް ގަސްތަށް ހުންނަ މަގަށް އާޅަ އިރަށް ގިނަފަހަރަށް އިށިއިންނަ ތަނުން ކޮޅަށް ތެދުވެއެވެ.އަޅުގަނޑުގެ ހިގުމަށް ބަލާފަ ކާކުކަން ފަހަގަ ކޮށްލައެވެ.އަހަރު ތަކެއް ކޮށްފައި ދިޔަޔަސް އެހާ ފަހަގަ ގަދައެވެ.އަދި އަބަދުވެސް އެއްޖުމުލައް ތަކުރާރު ކޮށްލައެވެ.”މާމަ ވަރަށް އުފާ " ވެއްޖެއޭ ބުނެއެވެ.އެޖުމްލައަކީ ހަގީގަތުގައި އަޅުގަނޑު ވެސް ވަރަށް ލޯބިކުރާ ޖުމުލައެކެވެ.ނަމަވެސް ދެން އިތުރަކަށް އެއަޑަކުން އެޖުމްލަ އިވޭނެ އެއް ގޮތެއްވެސް ނުހުންނާއެވެ.ކުރިން ދެންނެވިހެން އެހެންނަމަވެސް ކުރާނެ ޝަކުވާއެއް ނޫނީ ހާކާނެ ބޮޑަލެއް މިއަދަކު ނެތެވެ.ތި ލޮބުވެތި މާމައަށްޓަކައި މި މާމަދަރިން އޫފާކުރަމެވެ.ހޮޔޮދުވާކުރަމެވެ.

ތި ހަދާނުގެ އިތުރުން ދެއްވި ނަސޭހަތް އަބަދުވެސް ހަދާން ހުރެއެވެ.ރަށުގައި ކިވަން އުޅުނު އިރުވެސް ، މާލޭގަ ކިއަވަން އުޅުން އިރުވެސް ނުވިތާކަށް ގައުމުން ބޭރަށް ކިއަވަން އައުމުންވެސް ތަކުރާރުކުރީ އެއް ބަސްތަކެކެވެ.އެއް ނަސޭހަތެކެވެ.މޮޅު އިލްމީ މީހަކަށް ވުމަށެވެ، ރަގަޅު އޫސުލްތަކެއް ގައި ހިފައި ރިވެތި އަހުލާގެއް ގެންގުޅުމަށެވެ.ދީނުގައި ހިފައިގެން އުޅުމަށާއި ދީން ނަހީކުރެއްވި އެއްވެސް އެއްޗެއް ކައި ބޮއި ނުހެދުމަށެވެ.ހަދާނުގައި އެބަހުއްޓެއް ނުން ތޯއެވެ.

މާމާއެވެ.ތި ލޮބުވެތި މާމައަށްޓަކައި މި މާމަދަރިން އޫފާކުރަމެވެ.ތިހަދާން ތާ އަބުދު ކުރާނަމެވެ.އަޅުގަނޑުމެންގެ ހޮޔޮދުއާ އަބަދުވެސް މާމައާއި އެކު ވާނޭއެވެ.މާތް ﷲ މާމައަށް ހޮޔަ ރަހުމަތް ލައްވާ، ސުވަރުގޭގެ ދައިމީ ނިއުމަތް ދެއްވާންދޭ...

2 comments:

NaManal said...

This is Beautiful Saiz. So very touching.

Unknown said...

Beautiful ♥