ދަތުރުކުރަން
އެހާ ގަޔާނުވިނަމަވެސް މާލެގައި ކިޔަވަން
އުޅެންފެށި ދުވަސް ވަރުންފެށިގެން އައްޑު
އަތޮޅަކީ ރާއްޖެއިގެ ގިނަ މީހުންހެން
އަޅުގަނޑުވެސް ދާހިތްވާތަނެކެވެ.
ތަފާތު
ސަބަބުތަކާހެދިވެސްމެއެވެ.
ދޫދޫމަތިން އިވޭ
ތަފާތު ގިނަ ވާހަކަތަކުން ކަމަށްވެސް
ވެދާނެއެވެ. ނޫނީ
ރަށްތަކުގެ ބޮޑުކަމާ، ކުޅިތަކުގެ
ވާހަކަޔާއި، ދަނޑުވެރިކަމުގެ ވާހަކަ
ކަހަލަ ތަފާތު ޝައުޤުވެރިކުރުވަނިވި
ވާހަކަތަކުން ކަމުގައިވެސް ވެދާނެއެވެ.
އެހެންކަމުން
މިހެން އުޅުނިކޮށް އައްޑުއަށާއި
ފުވައްމުލަކަށް، އޮފީހުގެ ފަރާތުން
އެރަށްތަކުގައި މަސައްކަތް
ތަކެއްކުރުމަށްޓަކައި ހަތަރުވަރަކަށް
ދުވަހަށް އެރަށްރަށުގެ ބައެއް މީހުންނާއި
ބައްދަލުކުރުމަށްޓަކައި އަޅުގަނޑާއި
އޮފީހުގެ ބޮޑުމީހާ ދެކުނަށް ދިއުމަށް
ހަމަޖެހިއްޖެއެވެ.
އަޅުގަނޑުމެން ފުރުމަށް ހަމަޖެހިފައި އޮތީ އެގާރަ މޭ ދެހާސް ދިހައެއް ވީދުވަހުގެ ބާރަގަޑި ފަނަރަހާއިރެވެ. އެހެންކަމުން ގަޑިއާއި ތަންކޮޅެއް ކައިރި ކޮށްލާފަ ފުރުމަށް ޑޮމެސްޓިކް ޓާރމިނަލް އަށް ދިއައިމެވެ. ތަފާތު ޓާރމިނަލްއެކެވެ. ތަފާތު ގޮތްގޮތުންނެވެ. ފަހަރުގައި ފުރަތަމަ ފަހަރުކަމުގައި ވީމަވެސް ވެދާނެއެވެ. ނުވަތަ އެތަނުގެ ތެރޭގައި ވާހަކަ ދައްކާ ބަހާއި ރާގު ތަފާތު ވުމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ޓަރމިނަލްގައި ތިބި ގިނަ މުވައްޒަފުންތަކަކީ އެކުގައި ކިޔަވަން އުޅުނުކުދިންނެވެ. އެހެންކަމުން އެކުދިންގެ ވާހަކަޔާހެދި ޓާރމިނަލްގައި ހޭދަކުރަންޖެހުނު ސާޅިސް ފަސްވަރަކަށް މިނެޓަކީ މާގިނަ ވަގުތު ތަކަކަށް ނުވިއެވެ. ވަގުތު ޖެހުމާއެކު އޮފީސްގެ ބޮޑު މީހާގެ ފަހަތުން ގޮސް ފުލައިޓައް އެރީމެވެ. މަރުހަބާކީ ރީތި ޒުވާން ކުލަ އަލި ރޫފަ ރަނގަޅު އަންހެން ބޭކަނބަލެކެވެ. ހެވިފަ ގޮސް ގޮނޑީގައި އިށިއިނީމެވެ. ހެވޭނެނޫންތޯއެވެ؟ ރީތި އަންހެން ބޭކަނބަލެއްގެ ގައިގާ ހުންނާނެ ހުރިހާ ސިފަތަކެއްވެސް ހުއްޓެވެ. އެހެންނޫނަސް ރީތި އަބަދުވެސް ރީތިވާނެނޫންތޯއެވެ؟ އެއްގަޑި އިރާއި ދިހަ މިނެޓްގެ ދަތުރެކެވެ. ރާއްޖެއިން ކޮޅުނބަށް ދިއުންކަހަލައެވެ.
ވަގުތުތަކަށްފަހު ބޯޓް ގޮސް ގަން އިންޓަރނޭޝަނަލް އެއާރޕޯރޓައް ޖެއްސިއެވެ. އަވިމަޑު ވަގުތެކޭ ނުބުނެވޭނެއެވެ. ނަމަވެސް މޫސުމަށް ބަދަލުތަކެއް އަތުވެދާނެހެން ވެސް ހީވެއެވެ. ފުރަތަމަ ފަހަރަށް ދެކުނުގެ ރަށެއްގެ ބިމުގައި ފައިޖެއްސުމަށްފަހު ޓާރމިނަލް ތެރެއަށް ވަނީމެވެ. ތަހުޒީބުގެ މަލަމައްޗެކެވެ. ހަމަ ޔަގީނުންވެސް ތަރައްގީގެ ކުލަވަރު ފެންނަން ހުއްޓެވެ. ރަށުތެރެއިގެ ކަންތައްތަކާމެދު އުންމީދުގެ ގޮތަކަށް ވިސްނާލެވުނެވެ. ސަބަބަކީ އެއާރޕޯޓަކީ އެތަނެއްގެ މަލަމައްޗެވެ. ނުވަތަ ހާލަތު ނުވަތަ ތަރައްގީ ކަޑައެޅިދާނެ ތަނެއްކަން އެތަށް ފޮތަކުން އަޅުގަނޑު ދުށީމެވެ. އެއްބަސްވެސް ވަމެވެ. ކޮންމެހެން ވަރަކަށް ތަޖުރިބާ ކުރެވުނީތީއެވެ. ދަބަސް ނެގުމަށްފަހު ދެމީހުން ޓާރމިނަލް ތެރެއިން ނުކުތީމެވެ.ހިތްހަމަޖެހިލެވުނެވެ. އަޅުގަނޑު ދަންނަމީހަކު ފެނުނީމަކާ ނޫނެވެ. ނަމަވެސް ދިވެހިންގެ ގައިގާ ޒަމާނުއްސުރެން ހުންނަ ހިނިތުންވުމުގެ ސިފައާއި މަންޒަރާއެކު ފެނުނީމައެވެ. ދުރުންމީހަކު ހަނާ އަޅާލިއެވެ. ބޮޑުމިހާވެސް ހަނާ އަޅާލިއެވެ. ސަލާން ކުރުމުގެ ގޮތުން އަތްދިއްކުރަމުން އައިސް ހުއްޓުނެވެ. ސަލާމް ކޮއްލުމަށްފަހު އަޅުގަނޑުވެސް ތައާރަފުވެލީމެވެ. އިތުރުމީހަކުވެސް ކައިރިއަށް އައިސް ހުއްޓުނެވެ. ދަބަސްތައްނެގުމަށް ބަލައި އައިސް ތިބި ދެމީހުން އަވަސްވެގަތެވެ. ތާފާތެއްނެތެވެ. ދިވެހިންގެ ގައިގާ އަށަގަނެފައިހުރި މެހެމާންދާރީ އަދާކުރުމުގެ އަދަބު އޭބޭފުޅުންގެ ގައިގާވެސް ހުއްޓެވެ. ވަކި ސަރަހައްދަކަށް ނިސްބަތްވާތީ ތަފާތުގޮތެއް ބަސްމަގުގައި ހުއްޓަސް ތަފާތެއްނެތެވެ. ހަމަ ދިވެހިންނެވެ. ނަމަވެސް އަޅުގަނޑުމެން ދެމީހުންނަކީވެސް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ދެމީހުންކަމުން ދަބަސް އަމިއްލައަށް ހިފައިގެންގޮސް ކާރަށް އެރީމެވެ. މުޅި ދަތުރު ރޭވިފައިވާގޮތް، ބަލައި އައިސްހުރި ރަޝީދު ކިޔައިދިނެވެ. ކާރުގައި ދިޔައިރު ގަމުގެ ހުރި ފުރިހަމަކަން ފެންނަމުންދެއެވެ. ތަންތަންދެއްކުމަށްފަހު އިތުރު ފުރިހަމަކަމެއް ގެނައުމުގެ ގޮތުން ނޫންނަމަ ބުނެދިނުމުގެ ގޮތުން އައްޑޫ ބަހުން ބުނެދެމުންގެންދިޔައެވެ. ހަމަ އެއާއެކު ރަޝީދުވެސް މާލޭ ބަހުން ހަމަ އެއްޗެހި ބުނެދެމުންގެންދެއެވެ. އަޅުގަނޑުމެންނަށް ނޭގިދާނެތީއެވެ. ކުރީގައި އިނގެރޭސިން ބޭނުންކުރި އިމާރާތްތައް އަދިވެސް އެބަހުއްޓެވެ. ބަދަލަކަށް އައިސްފަހުރިކަމަށް ބުނާނީ ލާފާހުރި ކުލައެވެ. ރާއްޖޭގައި ފައްޅި ނާޅައެކޭ ނުބުނެވޭނެއެވެ. ޖެއްސުމުގެ ރާގަކަށް ޑްރައިވަރު ބުނެލިއެވެ. އަޅުގަނޑުވެސް އެބުނިއެއްޗަކާމެދު ޝައުޤުވެރިވިއެވެ. އެއިރު ގަމުގައި ހުރި މިސްކިތަކާ އަރާ ހަމަވިއެވެ. އެއްޗެކޭ އެހުމެގެ ކުރިން ޑުރައިވަރު މީ ކުރިގައި އިނގެރޭސިން ފައްޅިއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އެހެން ބުނުމާއެކު ބޮޑުމީހާވެސް ހިނިގަނޑެއް ޖަހާލިއެވެ. ގަމަށް ވަންނަން ހުރި ގޭޓުން ނިކުމެގެން ދިއުމާއެކު މަރަދޫފޭދޫގެ މަންޒަރުތަށް ފެންނަންފެށިއެވެ. އަދި ރާއްޖެއިގެ މީހުން މިކިޔާ ލިންކް ރޯޑަށް އެރުނެވެ. އެމީހުން ބުނާގޮތުންނަމަ " ޑެޑް ރޯޑަށް " އެރުނެވެ. ތަފާތު މަންޒަރުތަކެކެވެ. ހަމަ ޔަގީނުންވެސް މީގެ ކުރިން ނުދެކޭ މަންޒަރުތަކެއްކަން ޔަގީނެވެ. މޫސުމަށް އަންނަމުން ދިޔަބަދަލުތަކެއްގެ ސަބަބުން އިތުރު ފުރިހަމަ ކަމެއްއަންނަ މުން ދިއަވެ. އަޅުގަޑުމެން ދުއްވަމުން ގެންދިޔައީ ފުވައްމުލަކަށް ދިއުމަށްޓަކާ ފެރީއާއި ދިމާލަށެވެ. އަނެއް ދިވެހި ރާއްޖެއިގެ ފުވައްމުލަކު ފެރީއާ ދިމާލަށެވެ. އޭރު މަޑުމަޑުން ވާރޭވޭހެމުން ދެއެވެ. ފެރީ ކައިރިއަށް ދިޔައިރު އެހެންމީހުންވެސް ގޮސްތިއްބެވެ. ކާރުން ފޭބުމަށްފަހު ގޮސް ލާންޗައް އެރީމެވެ. އެމް.ވީ.ކޭ ލާންޗަށެވެ. ވާރޭ ވެހެމުން ދާތީ ކަނޑު ގަދަވާނެކަމަށް ގަބޫލުކުރެވުނެވެ. އިށީ އިންނަން ޖާގަ ލިބުނީ ލާންޗުގެ އެންމެ ކުރީ ގޮޑިންނެވެ. ދިރުނބާކޮޅަށް ފުރަގަހަށް ވާގޮތަށެވެ. އެހެން ކަމުން މުޅި ލާންޗުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ފެންނަންތިއްބެވެ. އެކި އުމުރު ތަކުމީހުންތިއްބެވެ. ވަރަށް ތުއްޕުޅު ދެބޭފުޅުންވެސް ތިއްބެވެ. ރަށުގެ ފަޅުން ނިކުތުމާއެކު ކަނޑުގެ ގަދަކަން އިގެންފެށިއެވެ. ލާންޗު ވަރަށް ބާރަށް ރާޅާ ތަޅަމުންގެންދެއެވެ. އަޅުގަނޑުގެ ކުރިމަށްޗަށް ވާގޮތަށް ހުރި ގޮޑީގައި ތިބީ ދެމަފިރިންނާއި ތުއްޕުޅު ބޭފުޅެކެވެ. އެސަރަހައްދުގެ ކަނޑުތަކަކީ ގަދަ ކަނޑުތަކެއްކަން އަޑު އަހަމެވެ. ނަމަވެސް ތަޖުރިބާގެ ފުރަތަމަ ފަހަރެވެ. ކަނޑުގަދަ ދަތުރެކެވެ. އެވަރުގެ ދަތުރެއްނުކުރަމެވެ. ކުރިމަތީގައީ އިން ތުއްޕުޅު ބޭފުޅާ ހޮޑުލާންފަށިއެވެ. ހޮޑުލާތަން ފެނުމަކީ އަޅުގަނޑަށް ވަރަށް އުނދަގޫ މަންޒަރެކެވެ. ކުޑަކުއްޖެއްކަމުން މާބޮޑުވަރުތަކެއް ނުވިއެވެ. ވަގުތުތަކެއް ފަހުން ތުއްޕުޅު ބޭފުޅާގެ މަންމަވެސް ހޮޑުލާން ފެށިއެވެ. ހިތާ ހިތާ ސަހަރޯއޭ ކިއުނެވެ. ގަޑި ބަލާލީމެވެ. ފުވައްމުލަކަށް ދެވޭނީ ކިހާއިރަކުންތޯ އެތަށްފަހަރަކު ހިތަށްއެރިއެވެ. ލާންޗަށް އެރުމުގެ ކުރިން އެއްގަޑި އިރާއި ތިރީސްމިނެޓް ވަރުވާނެއޭ މީހަކު ބުނާ އަޑު އެހީމެވެ. އެހެންނަމަވެސް ތިންވަރަކަށް ގަޑި އިރުވެއްޖެހެން ހީވިއެވެ. ހެން ނޫންތޯއެވާނީ؟ މަތިންއަރާފާނެތީ ވިސްނަން ވާނުންތޯއެވެ؟ ބޮޑު ފިރިހެނަކު އަންހެނެއްގެ ދަރަޖައަށް ވެއްޓިގެން ނުވާނުން ތޯއެވެ؟ އެއްގޮތަކަށްވެސް އަންހެން ބޭފުޅަކަށް ކުރާބޭއިންސާފެއް ނޫނެވެ. ވިއްސާރަ އިރެއްގާ ލާންޗެއްގައި ދާއިރު ޖެހޭނެ ވައި ތިބޭފުޅުނަށްވެސް އިގޭނެތާއެވެ. ނަމަވެސް އަޅުގަނޑަށް ތަފާތެވެ. ހޫނު ގުދަނެއްގައި އިނުންކަހަލައެވެ. މޫނުމަތިން އެވަރަށް ދާހިއްލައެވެ. މުޅި ގަމީސް އެއްކޮން އޮތީ ތެމިފައެވެ. ކުޅެން ގޮސްއުޅޭ އިރުވެސް އެވަރަކަށް ދަލެއް ނުހިއްލައެވެ. އެކަން އެހެންމީހަކަށް ފާހަގަ ކުރެވިގެން ދެފަހަރުމަތިން ޓިޝޫވެސް ދިނެވެ. ބޮޑުވަރު ދެއްތޯއެވެ؟ ކަނޑުގަދަކަމުން ބިރުންބާއެވެ؟ ނަމަވެސް ކަނޑު އެހާ ގަދައިރު ފުރަތަމަ އަނބުރާނީ ބޯތާއެވެ. ތަފާތު ފަހަރެކެވެ. އަންހެނުންނަކީ ހިތްވަރުގަދަ ބައެއްކަން އެވަގުތުވެސް ހިތަށް އެރިއެވެ. މައިމީހާއަށްވުރެން ރަނގަޅަށް ދަރިން ބެލޭނެ ދެވަނަ މީހެއް ނުހުންނާނެކަން އަބަދުވެސް ގަބޫލުކުރަމެވެ. އެދުވަހު ކުރިއަށްވުރެން ޔަގީންކަން ބޮޑުވިއެވެ. އެހެންވާނެނޫންތޯއެވެ؟ މަންމަ ހޮޑުލަމުން ދާއިރު ލާންޗު އެވަރަށް ރާޅާތަޅާ އިރުވެސް ކުޑަ މީހާގެ ހަރަކާތްތަކަށް ބާރާބާރަށް ސަމާލުކަން ދިނެވެ. ހޮޑުލާވަރަކަށް ސާފުކުރެއެވެ. ޕުލާސްޓިކް ކޮތަޅު އަނގަ ދޮށައްކައިރި ކުރެއެވެ. މިދަންނަވަނީ ފިރިމީހާ އެހީ ތެރި ނުވާ ވާހަކައެއް ނޫނެވެ. ބޮޑު މީހާ އަޅުގަނޑާ ދިމާލަށް ބަލާލައިފައި ރަނގަޅުތޯވެސް އަހާލައެވެ. ދާހިއްލާ ފޯވެގެން ރަށަށް ދެވޭނެ އިރެއްނޭނގި ކެތްމަދުވެފަ އިދެގެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމެވެ. ލާންޗު ވަރަށް ބާރަށް ރާޅެއްގައި ޖަހާލިއެވެ. އިންޖީނުގެ އަޑުމަޑުވެ ދުވެލިވެސް މަޑުވެއްޖެއެވެ. ( ނުނިމޭ )
No comments:
Post a Comment