Sunday, July 17, 2011

ދޯނީގައި އޮތް ގިޓާ !!!!



އަޅުގަނޑުގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ކޮއްކޮއަށް ދިމާވި ތަފާތުކަމެއް ހިއްސާކޮށްލާނަމެވެ.އޭނަައަކީ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ މީހެކެވެ. ރަޙްމަތްތެރިޔާގެ ކޮއްކޮ ފައިޒަން (އަސްލުނަމެއް ނޫން) ގޭގައި ހުއްޓާ ފޯނެއް އައެވެ. ފޯނަށް ޖަވާބު ދިންއިރުގައި ރަށު ސުކޫލްގައި އެއްކުލާހުގަ އުޅުނު ރަށްޓިއްސެކެވެ. ބަހުސާނެވެ. ( އަސްލުނަމެއް ނޫން) ކަމެއްކޮށްދިނުމަށް އެދިއެވެ. މިހާރު މާލޭ ފަޅުގައި އެރަށު ބޯޓެއް އޮންނާނެ އޭ ބުންޏެވެ. އޭގައި ގޯންޏަކަށްލާފައި ގިޓައެއް އޮންނާނެއެވެ. އެ ގިޓާ ގޭގައި ބާއްވައިދިނުމަށް އެދުނެނެވެ. އަދި ދެދުވަސް ފަހުން ރިސޯޓް ގައި ހުރި އޭނަގެ ބޭބޭ ނުއުމާނު ( އަސްލުނަމެއް ނޫން) އޭތި ބަލާ އައުމުން ހަވާލުކޮށްދިނުމަށެވެ. ގިޓައެއްކަމުން ފައިޒަން އާނއެކޭ ބުންޔެވެ. ގިޓަޔަކީ އޭނަވެސް ވަރަށް ކުޅޭހިތްވާ އެއްޗަކަށްވެފައި ރަޙްމަތްތެރިއެއްގެ އެއްޗަކަށް ވީތީ ކުޅެލަންވެސް ލިބޭނެތީ މާ ލަހެއްކުރާކަށް ނެހެދިއެވެ. ފޯން ބޭއްވުމަށްފަހު ފަޅުގައި އޮތް ރަށު ބޯޓަށް ދިޔައެވެ. ބޯޓްގެ ނެވިމިހާ ކައިރިން ރަޙްމަތްތެރިޔާގެ ގޭގެނަން (ބަޑިލާގެ) އިން ފޮނުވިއެއްޗެއް އެބަހުރިތޯ ސުވާލުކުރިއެވެ. ނެވިމީހާ ބުރަކޮށް އުޅެތީވޭ ބޯޓުގެ ވަތް ބަލާލަބަލާށޭ ބުންޏެވެ. ވަރަށް މަސައްކަތުން ގޯންޏަކަށް ލާފައިއޮތް ގިޓައެއް ފެނިއްޖެއެވެ. އެހެންކަމުން ގޯނި ހިފައިގެން ޖެޓީ މައްޗަށް ފޭބިތަނުން އެހެން ކުދިބަޔަކު ތީ ތިމަންނަމެންގެ ގިޓައެކޭ ބުންޏެވެ.





ތީގައި ތިއޮތީ ތިމަންނަމެންގެ ގޭގެ ނަމޭ ބުންޏެވެ. ތެދެކެވެ. ގޯނީގައި އޮތީ އެހެންނަމެކެވެ. ބާމީޔާގެ ކަހަލަނަމެއް ޖަހާފައެވެ. އެހެންކަމުން ގިޓާ އެކުދިންނަށް ދީނިއެވެ. އަދި ބަހުސާނަށް ގުޅާފައި އެވާހަކަ ބުނުމުން އަދިވެސް ބަލާށޭ ބުންޏެވެ. އެހެންކަމުން ދޯނީގެ ވަތުތެރެއަށް ވަދެ ހޯދާ ހޯދާ ވެސް ނުފެނުނެވެ. ދޯނީގެ ނެވިމީހާ ކައިރީގައި އެހުމުން އިތުރު ގިޓައެއް ދެނެއް ނޯންނާނެއޭ ނެވިމީހާ ބުންޔެވެ. ވެފައިހުރި ހާސްކަމާއި ވަރުބަލިކަމާއެކު އަނެއްކާވެސް ބަހުސާނަށް ގުޅިއެވެ. އަދި ނެވިމިހާ އިތުރު ގިޓައެއް ނެތޭ ބުނި ވާހަކަ ބުންޏެވެ. މިހެން ބުނުމާއެކު އެހެނެއް ނުވާނެއޭ، ގިޓާ އޮންނާނީ ބޯޓަށް ލާފަޔޭ ބުންޏެވެ. އަދި މިހާރުގެ ބަހުން ނެވި މީހާ އެއުޅެނީ ގިޓާ ކަޓުވާލަންށޭ ބުންޏެވެ. އަދިވެސް ބެލުމަށް އެދުނެވެ. އެއީ ވަރަށް އަގުވެސް ބޮޑު ގިޓައެއްކަމަށާއި ގިޓާ ގެއްލިއްޖެނަމަ ބޭބޭ ރުޅިވެސް ގަދަވާނެ ވާހަކަ ބުންޏެވެ. އެހެންކަމުން އަނެއްކާވެސް ވަތުތެރެއަށް ވަދެ ފެނޭތޯ ބަލަންފެށިއެވެ. ހަމަ ހިލާ ފެންނަގޮތެެއް މިފަހަރުވެސް ނުވިއެވެ. މިފަހަރު ބަހުސާނަށް ގުޅުމުގެ ބަދަލުގައި އެނަގެ ބޭބެ ނުއުމާނަށް ގުޅިއެވެ. ގުޅުމަށްފަހު ވެގެންއުޅޭ ގޮތް ކިޔައިދިނެވެ. ކިޔައިދީ ނުނިމިގެން އުޅެނިކޮން ނުއުމާން އަޑުން އަޑުނަގައި ހޭންފެށި އަޑު އިވުނެވެ. އަދި ވާ ގޮތް ކިޔައިދިނެވެ. އޭއީ ގިޓައެއް ނޫނެނެވެ. އޭނަ އެ ދައްކަނީ ގިތަލެއްގެ ވާހަކައެވެ. ހުރެވުނުތަނެއް ނޭންގުނެވެ. ހިންޏައިގެން މަރުނުވީ ކިރިޔާއެވެ. ހެވޭނެ އެއްނޫންތޯއެވެ. 'ޓ' ގެ ބަދުލުގައި 'ތ' ބޭނުން ކުރަންޏާ ވާނީ އެހެންތާއެވެ. ބަހުސާނު ގަސްތުގައި ބޭނުން ކުރަނީއެއް ނޫނެވެ. އޭނާއަށް 'ތ' ނުކިޔެނީއެވެ.އަދި ނިސްބަތް ވާރަށަކީ ވެސް ރާގެށް ލާފަ ވާހަކަ ދަށްކާ ރަށެކެވެ. ތެދެކެވެ. ބޯޓަށް ގިޓާ ހޯދަން އެރި އިރުންފެށިގެން ގިތަލެށް ގޯވާ އަޑުއިވެއެވެ. ބޯޓުގެ މީހުންގެ އިތުރުން އެހެން ބޯޓްތަކުގައި އުޅޭ މީހުންވެސް އުދަގުވެގެން އުޅެއެވެ. މާލޭގެ ބިންކޮޅު ކުޑަ ގެއަކަށް ގެންގޮސް ގިތަލެއް ބާއްވާނީ ކޮންތާކުހޭ ބުނުމަށްފަހު ފައިޒަން ދިޔައީ ގެއަށެވެ. އަމިއްލަ ނަފްސަށް ހީހީ ވަރުބަލިވެގެންނެވެ. )ނިމުނީ(


No comments: